ތަޢާރަފް
ކުށުގެ ރެކޯޑް ސާފްކުރުމުގައި ބޮޑެތި މީހުންނާއި ކުޑަކުދިންގެ ތަފާތުތަކެއް ދުނިޔޭގެ ހުރިހާ ޢަދުލުގެ ނިޒާމުގައި ހިމެނިފައިވެއެވެ. މި ތަފާތުތައް ހުރިކަމުގައިވިޔަސް، ބޮޑެތި މީހުންގެ ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ސަބަބުން ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން އެކި ފޯރަމްތަކުގަޔާއި، އެކި ލެވެލްތަކުގައި ޤާނޫނީ ޢިލްމުގެ ބޭފުޅުންނާއި، ސިޔާސީ ބޭފުޅުން، އަދި ޤާނޫނުހަދާ މަޖިލިސްގެ މެމްބަރުންނާއި، ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރައްވާ ފަރާތްތަކުން ބަހުސްކުރައްވާފައިވެއެވެ. މި ބަހުސްތަކުގެ ތެރެއިންވެސް ކުޑަކުދިންގެ ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ސަބަބުން ނުކުމެދާނެ، ނޭދެވޭ ނަތީޖާއާމެދު އަޅާލެވިފައިވާ މިންވަރު ކުޑައެވެ. ކުޑަކުދިންގެ ކުށުގެ ރެކޯޑަކީ ވަކި ހިފެހެއްޓުންތަކެއް ބެހެއްޓުމާއެކީ ވަކި ޚާއްސަ ބަޔަކަށް ފެންނަންޖެހޭ ރެކޯޑްތަކަށްވުން ލާޒިމްއެވެ. އެހެން ނަމަވެސް ދައުލަތުން މި ސިއްރު ހިފެހެއްޓުމުގައި ގެންގުޅޭ އުސޫލުތަކަކީ ޒަމާނާ އެންމެ އެކަށޭނެ އުސޫލުތަކަށްނުވެ ހިނގައިދާނެއެވެ. ކުޑަކުދިންގެ ރެކޯޑްތައް ޢާންމު މުވައްޒަފުންނަށް ފެނުމަކީ މިހާރުގެ ނިޒާމުގައި ވަރަށް ޢާއްމު ކަމެއްކަން ފާހަގަކުރެވެއެވެ.
ކުޑަކުދިންގެ ކުށުގެ ރެކޯޑް ހާމަނުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުއްޖާ މުޖުތަމަޢުއަށް އަނބުރާ އައުމަށްޓަކައި އެކުއްޖާއަށް ލިބޭ ރިހެބިލިޓޭޝަން ފުރުޞަތުގައި ކުއްޖާގެ އުޅުން އިސްލާޙްކޮށް އައިސްފިނަމަ، އެކުއްޖާއަކީ މުޖުތަމަޢުގެ އެހެންވެސް ކުށްނުކުރާ ފަރުދެއް ގޮތުގައި ބަލައިގަތުމެވެ. އަދި އޭނާ އަނބުރާ މުޖުތަމަޢުއަށް އައުމަށްކުރި މަސައްކަތްތަކަށް ތަރުހީބުދީ، އޭނާގެ ހަޔާތުގައި ބާކީހުރި ދުވަސްތަކުގައި ކުށްނުކުރާ މީހެއްގެ އިޙްޞާޞްކޮށްދީ މުޖުތަމަޢުން ފުރިހަމައަށް ބަލައިގަތްކަން ފާހަގަކުރުމެވެ. ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ބޭނުމަކީވެސް އަދި އެންމެ މުހިންމު މަޤްޞަދަކީވެސް ކުއްޖާ އަނބުރާ މުޖުތަމަޢުއަށް އައިސް މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދިނުމެވެ. ކުޑަކުދިންނަށް ކުރެވޭ ކުށްތަކަށް ޢަދަބުދިނުމަކީ ކުޑަކުދިން ޢަދުލުގެ ނިޒާމު ތަރުހީބުދޭ ނުވަތަ އެއްބާރުލުންދޭ ނަޒަރިއްޔާއެއްނޫނެވެ.
ކޯޓުން ނިންމާ މައްސަލަތަކުގެ ކުށުގެ ރެކޯޑް ސާފްކުރުން
ޖިނާއީ އިޖުރާއަތު ޤާނޫނުގެ 159 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބެލެހެއްޓުމުގެ ޒިންމާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޒިންމާއެކެވެ. އެމާއްދާގައި ބަޔާންކުރާ ގޮތުގައި ކޯޓުގައި ހިނގަމުންދާ މައްސަލައެއް ޙުކުމްކުރުމަށްފަހު 159 (ނ) ގައި ފާހަގަކޮށްފައިވާ މަޢުލޫމާތުތަކާއެކީ ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ލިޔެކިޔުންތައް ފޮނުވަން ޖެހެއެވެ.
ޖިނާއީ އިޖުރާއަތުގެ 160 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ކުށުގެ ރެކޯޑް ސާފުކުރެވޭ ފަރާތަކީ އުމުރުން 18(އަށާރ) އަހަރުނުވާ ކުއްޖަކުނަމަ ނުވަތަ އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިޙްތިޔާރު ލިބިފައިނުވާ މީހަކުނަމަ، ރެކޯޑް ސާފްކުރުމަށް އެދޭނީ، އެކުއްޖެއްގެ ނުވަތަ އެމީހެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޒިންމާދާރު ބަލަދުވެރިއަކު ނުވަތަ އެނޫންވެސް އެފަދަ ކުއްޖަކު ނުވަތަ މީހަކު ބެލެހެއްޓުމާއި ޙަވާލުވެހުރި ފަރާތަކުންކަމަށެވެ. ނަމަވެސް އުފެދޭ ސުވާލަކީ ކުޑަކުއްޖެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްޓަކައި ސަރުކާރު މުއައްސަސާއަކަށް، ނުވަތަ ޕްރައިވެޓް މުއައްސަސާއަކަށް އެދުމުގެ ފުރުޞަތު އޮންނާނެތޯއެވެ. އަދި އެކަމަށް ފުރުޞަތު އެބައޮތްތޯއެވެ. ނުވަތަ އެފުރުޞަތު އޮތްނަމަ އެ ފުރުޞަތު އޮތީ ކީއްވެގެންތޯއެވެ.
ކުޑަކުދިންގެ ކުށުގެ ރެކޯޑަކީ 3 ވަނަ ފަރާތަކަށް ހާމަކުރާ މަޢުލޫމާތަކަށްނުވާ ހިނދު އެފަދަ މަޢުލޫމާތެއް ހޯދުމަށް އެހެން ފަރާތްތަކަށް ފުރުޞަތު ދިނުން، ނުވަތަ އެފަދަ ފުރުޞަތެއް ނިޒާމުގެ ތެރެއިން ޤާއިމްވެފައި ހުރުން އެއީ ބަލައިގަނެވޭނެ ފަދަކަމެއް ނޫނެވެ. ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި، އަދި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގައިވެސް ކުށްކުރާ ކުޑަކުދިންގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ ފުރުޞަތު ލިބިފައި އޮތީ ވަކި ދައުލަތުގެ މުއައްސަސާތަކަކަށެވެ. އަދި އެފުރުޞަތަކީ ވިހާވެސް ހަނިކޮށް ލިބިފައި އޮންނަ ފުރުޞަތެކެވެ.
ޤާނޫނު ނަންބަރު:2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުއްޖާގެ ރެކޯޑްތައް ބަހައްޓަންވާނީ ސިއްރު ގޮތުގައި އަދި ތިންވަނަ ފަރާތަކަށް ނުލިބޭ ގޮތަށް، އަދި އެފަދަ ރެކޯޑުތަކަށް ވާޞިލުވެވޭނީ ކޯޓު އަމުރަކުން ހުއްދަ ލިބިގެން، ކުއްޖާގެ މައްސަލަބަލާ ފަރާތަށާއި ކަނޑައެޅިގެން އެކަމަށް ހުއްދަކުރެވޭ އެހެން ފަރާތްތަކަށްކަމަށެވެ.
އެހެންކަމުން ކުޑަކުދިންގެ ކުށުގެ ރެކޯޑްތަކަށް ވާޞިލްވުމުގެ މަގު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުން ހަނިކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކުށްކުރާ ކުޑަކުދިންގެ ކުށުގެ ރެކޯޑް ސާފްކުރުން ހުއްޓުވަންވީ ސަބަބުތައް
ޖިނާއީ ޢަދުލުގެ ޢާންމު ނިޒާމުން ބޭރުން ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ޚާއްސަ ނިޒާމެއް އޮންނަންވާނެކަމަށް ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 53 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ. ކުޑަކުދިންގެ މައްސަލަ ބެލުމުގެ އިޙްތިޞާޞް ޖުވެނައިލް ކޯޓަށް ލިބިގެންވާއިރު ކޯޓުގައި ހިނގާ މައްސަލަތައް ދާނެގޮތުގެ މިސާލަކަށް ބައްލަވާލައްވަމާތޯއެވެ. މިސާލު: މަރިޔަމް، ފިހާރައަކުން އެއްޗެއް ވަގަށް ނެގުމުގެ ސަބަބުން އޭނާގެ މައްޗަށް ވައްކަމުގެ ދަޢުވާއެއްކުރެވުނު. އެ މައްސަލައަކީ ކުޑަ ވައްކަމުގެ މައްސަލައަކަށްވާތީވެ، އަދި އޭނާއަށް ކުށެއްކުރެވުނު ފުރަތަމަ ފަހަރުކަމަށްވާތީ، ކޯޓުން އޭނާއަށް 6 މަސްދުވަހުގެ ޕްރޮބޭޝަންއަކަށް ދިއުމުގެ ފުރުޞަތު ދިން. ޕްރޮބޭޝަންގެ ދަށުން، މުޖުތަމަޢުއަށް ޚިދުމަތްކުރަން 20 ގަޑިއިރު ކަނޑައެޅުމާއި، ވަގަށް އެއްޗެހި ނެގި ފިހާރައަށް 6 މަސްދުވަސްވަންދެން ނުވަނުމަށްވެސް ޝަރުޠުކުރެވިފައިވޭ. މަރިޔަމްގެ މައްޗަށް ކަނޑައެޅި ޕްރޮބޭޝަންގެ ހުރިހާކަމެއް އޭނާ ފުރިހަމަކޮށްފައިވާތީ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި އެހެން އެއްވެސް އަދަބެއް ދިނުމުގެ ބަދަލުގައ އޭނާ މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަވެވޭނެ ގޮތަށް ނިންމާ ޖުވެނައިލް ކޯޓުން މައްސަލަ ފައިލްކުރި.
ބޮޑެތި މީހުންގެ ކުށުގެ ރެކޯޑް ދާއިމީ އެއްޗެއް ގޮތުގައި ދެމިއޮތަސް، ކުޑަކުދިންގެ ކުށުގެ ރެކޯޑަކީ ދާއިމީ އެއްޗެއްނޫންކަން މަތީގައި ބަޔާންވެފައިވާ މިސާލުން އެނގިގެންދެއެވެ. ޖުވެނައިލް ކޯޓަކީ ހަޤީޤަތުގައި ކްރިމިނަލް ކޯޓެއް ނޫންމެއެވެ. ޙަޤީޤަތުގައި ޖުވެނައިލް ކޯޓަކީ ކުށްކުރާ ކުޑަކުދިން ޤާނޫނީ އިމުގެ ތެރެއަށް ވައްދާ، ޑިސިޕްލިންކުރުމަށްޓަކައި ބެލެނިވެރިއެއްގެ ރޯލުއަދާކުރާ ކޯޓެކެވެ. ޖުވެނައިލް ކޯޓުގެ މަސައްކަތަކީ ކުށްކުރާ ކުޑަކުދިންނަށް އަދަބު ދިނުމެއްނޫނެވެ. އިސްލާޙްކުރުމެވެ. އަދަބުތައް އަންގައިދިނުމެވެ.
ކުށުގެ ރެކޯޑް ފޮހެލުން ނުވަތަ (EXPUNGMENT) އަކީ މީހެއް ހައްޔަރުކުރިކަމުގެ ރެކޯޑް ނުވަތަ ދަޢުވާކުރެވިފައިވާ މައްސަލައެއްގެ ރެކޯޑެއް ކޯޓު އަމުރެއްގެ ދަށުން ފޮހެލުން ނުވަތަ ބަންދުކޮށްލުމެވެ. ބައެއްފަހަރު، މައްސަލަ ފައިލްކޮށްލުމަށްވެސް މިހެންކިޔައި އުޅެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ކުށުގެ ރެކޯޑް "އެކްސްޕަންޖް" ކުރެވޭނެ ޙާލަތްތަކާ، ޝަރުޠުތައް ތަފާތެވެ. އެހެން ނަމަވެސް ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކަކީ ހުރިހާ ޙާލަތެއްގައިވެސް "އެކްސްޕަންޖް" ކުރެވިފައިވާ ރެކޯޑްތަކެކެވެ. ކުށުގެ ރެކޯޑް މި ދެންނެވި ގޮތަށް ޤާނޫނުގެ ކުރިމަތީގައި ފޮހެލެވިއްޖެނަމަ، ކުށުގެ ރެކޯޑް ހޯދުމަށް ހުށަހަޅާއިރު އެބައިތަކެއް ހިމެނިފައިނުވާނެއެވެ.
ދިވެހިރާއްޖޭގެ އެކި މުއައްސަސާތަކުން ކުށުގެ ރެކޯޑް ސާފުކޮށްދިނުން އެދުމަށް ހުށަހަޅާ ފޯމުގައި ޖުވެނައިލް ކޯޓުންވެސް ކުށުގެ ރެކޯޑް ސާފުކުރަން އޮތުމާއި، އަދި ބައެއްފަހަރު، ވަޒީފާއަށް ކުށުގެ ރެކޯޑް ސާފްކުރާއިރުގައްޔާއި، ސްކޮލާޝިޕްތަކަށް ކުރިމަތިލާއިރު ރެކޯޑް ސާފްކުރާ ފޯމުގައި ޖުވެނައިލް ކޯޓު އޮތުމުގެ ސަބަބުން ގިނަ ގުނަ ގޮންޖެހުންތަކެއް ކުދިންނަށް ކުރިމަތިވާކަން ފާހަގަކުރެވެއެވެ. ކުއްޖާ ކުށުގެ މާޙައުލާ ދުރުވެ މުޖުތަމަޢުގައި ބޭނުންތެރި ފަރުދަކަށްވާން މަސައްކަތްކުރާ ކޮންމެ ފަހަރަކު އޭނާގެ މާޒީގައި ކުރެވިފައިވާ އެންމެ ކުށެއްގެ ސަބަބުން އޭނައަށް ލިބެން ހުރި އެތަށް ފުރުޞަތުތަކުން މަޙްރޫމްވެގެންދެއެވެ. ޖުވެނައިލް ކޯޓުން ކުށުގެ ރެކޯޑް ފުރިހަމަނުކޮށްދޭއިރު، ބައެއް މުއައްސަސާތަކުން ކުދިންގެ ކުށުގެ ރެކޯޑް ސާފުކޮށްދޭކަން މަދުމަދުން ނަމަވެސް ފާހަގަކުރެވިފައިވެއެވެ.
ކުށުގެ ރެކޯޑް ސާފްކުރުން ހުއްޓުވާނެ ގޮތްތައް
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ކުށްކުރާ ކުޑަކުދިންގެ ކުށުގެ ރެކޯޑް ރައްކާތެރިކުރުމަށްޓަކައި މައިގަނޑު ގޮތެއްގައި 3 ނިޒާމެއް ތަޢާރަފްކޮށް ކުރިއަރުވާފައިވެއެވެ. ފުރަތަމަ ގޮތަކީ (CONFIDENTIALITY STATUTES) ސިއްރު ހިފެހެއްޓުމުގެ ނިޒާމެވެ. މި ޤާނޫނުގެ ދަށުން ކުޑަކުދިންގެ ކުށްކުރުމުގެ މަޢުލޫމާތުތައް، ހޯދައި ބެލޭ މުއައްސަސާތަކާ ފަރާތްތަކުގެ ޢަދަދު މަދުކުރެވެއެވެ. ދެވަނަ ގޮތަކީ (EXTINGUISHING STATUTES) ކުށްކުރާ ކުޑަކުދިންގެ މަޢުލޫމާތު ޤާނޫނުގެ ކުރިމަތީގައި ފޮހެލުން ނުވަތަ "އެކްސްޕަންޖް" ކުރުމެވެ. މައިގަނޑު ގޮތެއްގައި މިކަންތައް ފުރިހަމަކުރާނީ މައްސަލަ ޖުވެނައިލް ކޯޓުން ނިންމާއިރުއެވެ. މުސްތަޤްބަލުގައި އެ މައްސަލައިގެ މަޢުލޫމާތު އެހެން ފަރާތަކަށް ނުފެންނަ ގޮތަށް ހެދުމެވެ. ތިންވަނަ ގޮތަކީ (NON-DISCLOSURE STATUTES) މަޢުލޫމާތު ހާމަނުކުރުމެވެ. މީގެ މިސާލަކީ ކުއްޖަކަށް އޭނާއަކީ މާޒިގައި ކުށުގެ ރެކޯޑެއް ނެތް މީހެއްކަމުގައި ބުނުމުގެ ފުރުޞަތު ދިނުމެވެ. މާނައަކީ ވަޒިފާއަކަށް ކުރިމަތިލާއިރު، އޭނާއަށް އެފަދަ ސުވާލެއް މީހަކު ކުރިމަތިކޮށްފިނަމަ ކުށެއްނުކުރާކަމަށް ބުނުމުގެ ފުރުޞަތު ލިބުމެވެ. މި ތިން ގޮތަކީ އެއްހަމައެއްގައި އެއްވަރަކަށް މަސައްކަތްކުރެވޭނެ ގޮތަށް ރޭވިފައި ހުންނަންޖެހޭނެ ފަދަ ނިޒާމަކަށްވާންވާނެއެވެ. އެއީ ކޮންމެ ނިޒާމެއްގައިވެސް "ލިމިޓޭޝަންތަކެއް" ހުރުމުގެ ސަބަބުން އެކަތި އަނެކައްޗާ ގުޅުވާލުމުން ހުރިހާ ނިޒާމެއް ގުޅިގެންދާނެތީއެވެ. އަދި "ލިމިޓޭޝަންތައް" މަދުކުރެވިގެންދާނެތީއެވެ.
ދިވެހިރާއްޖޭގައި ޕްރެކްޓިސްކުރެވެމުންދާ ގޮތްތަކަށް ބަލާއިރު، ސިއްރު ހިފެހެއްޓުމުގެ ނިޒާމު ހަރުދަނާކަން ފާހަގަކުރެވެއެވެ. ސަބަބަކީ ކުށްކުރާ ކުދިންގެ މަޢުލޫމާތުތަކުގެ ލިޔެކިޔުންތައް ހޯދައި، ބެލޭ މުއައްސަސާތަކުގެ ޢަދަދު ނިޞްބަތުން މަދުވުމެވެ. އަދި ކުޑަކުދިންގެ މަޢުލޫމާތުތަކަކީ ބައެއް ޤައުމުތަކުގައިވާ ގޮތަށް ޕަބްލިކް ރެކޯޑްސް ގޮތުގައި ޝާޢިއުކުރެވިފައިވާ ތަކެއްޗަށް ނުވާތީވެސްމެއެވެ. ނަމަވެސް ކުށްކުރާ ކުޑަކުދިންގެ މަޢުލޫމާތު ފޮހެލުމުގެ ނިޒާމުގައި އަދިވެސް ގޮންޖެހުންތައް ހުރިކަން ފާހަގަކުރެވެއެވެ. މީގެ ސަބަބަކީ ފަހަރުގައި މުއައްސަސާތަކުގެ ޕޮލިސީގައި ހުރި ތަފާތުތަކެއްގެ ސަބަބުން ދިމާވާކަމެއް ކަމުގައިވެސް ވެދާނެއެވެ. މަތީގައި ދެންނެވިފައިވާ ތިން ނިޒާމުގެ ތެރެއިން ދައުލަތުން އެންމެ ބޮޑު ހިއްސާއެއްވާންޖެހޭ އަދި އެކަމަކަށް އެންމެ އަހައްމިއްޔަތުކަމެއްދޭންޖެހޭ ދެ ނިޒާމަކީ ސިއްރު ހިފެހެއްޓުމުގެ ނިޒާމާ، ކުށުގެ ރެކޯޑް ފޮހެލުމުގެ ނިޒާމެވެ. ތިންވަނަ ނިޒާމަކީ ކޮންމެ މީހެއްގެވެސް ޙައްޤާ ގުޅިފައިވާކަމަކަށްވާތީ، އެ ޙައްޤު ދޫކޮށްލުން ނުވަތަ އެ ޙައްޤުގެ ބޭނުންކުރުމުގެ ޒިންމާ އުފުލާނީ އެމީހެކެވެ.
ކުށްކުރާ ކުޑަކުދިންގެ ކުށުގެ ރެކޯޑް ސާފްކުރުމާ ގުޅޭ ކަންތައްތަކުގައި "އެކްސްޕަންޖް" ކުރުމުގެ އިޙްތިޔާރު ލިބިގެންވާއިރު، ކުށުގެ ރެކޯޑް ސާފްކުރާ ފޯމްތަކުގެ "ޓެމްޕްލޭޓްތައް" އާ ކުރުން މުހިންމުކަން ފާހަގަކުރެވެއެވެ. ދައުލަތުގެ މުއައްސަސާއެއްގެ ކުށުގެ ރެކޯޑް ސާފްކުރާ ފޯމެއްގައިނަމަ ކުޑަކުދިންގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް ސާފުނުކޮށްދެވޭނެކަމަށް ބަޔާންކުރެވިފައި އޮތުމާއި، ޖުވެނައިލް ކޯޓުން ނުވަތަ މެޖިސްޓްރޭޓް ކޯޓަކުންވެސް ކުޑަކުއްޖެއްގެ ކުށުގެ ރެކޯޑް ސާފުކޮށްނުދެވޭނެ ގޮތް ހެދުން ލާޒިމްކުރުން މުހިންމެވެ. އަދި އެއްވެސް ޙާލަތެއްގައި ކުޑަކުއްޖެއްގެ މާޒީގައި ކުރެވިފައިވާ ކުށަކާ ގުޅިގެން އޭނާއަށް ސުވާލުނުކުރުންފަދަ ކަންތައްތައްވެސް ހިމެނެއެވެ.